އައްޝައިޚް އަލްޢައްލާމާ އަބޫ ޢަބްދިﷲ ޢަބްދުއްރަޙްމާން ބިން ނާޞިރު ބިން ޢަބްދުﷲ އައްސިޢްދީ (1307–1376ހ. / 1889–1956މ.) އަކީ ސަޢޫދީ ޢަރަބިއްޔާގެ ޤަޞީމަށް ނިސްބަތްވާ ޢިލްމުވެރިއެކެވެ. މުފައްސިރެކެވެ. އިބްނު ސިޢުދީގެ ނަމުން ވެސް މަޝްހޫރުވެފައި ވެއެވެ.
ނަސަބު އަދި އުފަންވުން
އުފަންވެފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ޤަޞީމްގެ ޢުނައިޒާގައި ހިޖުރައިން 1307 ވަނަ އަހަރު މުޙައްރަމް 12 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1889 ވަނަ އަހަރުއެވެ.
ތުއްޕުޅުއިރު
ޔަތީމެއްގެ ގޮތުގައި ބޮޑުފުޅުވި ނަމަވެސް، ރަނގަޅު ތަރުބިއްޔަތެއް ލިބިވަޑައިގަތެވެ. އޭނާގެ ކިބައިން ފާހަގަވެގެން ދިޔައީ ވިސްނުންފުޅު ތޫނުކަމާއި ޢިލްމު އުނގެނިވަޑައިގަތުމަށް ހުރި ޝައުޤުފުޅުގެ ބޮޑުކަމެވެ. 11 އަހަރުގައި ޤުރްއާން ހިތުދަސްކުރެއްވިއެވެ. އެއަށްފަހު ޢުނައިޒާގެ ޢިލްމުވެރީންނާއި ބޭރުން އައި ޢިލްމުވެރީންގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތެވެ. އެގޮތުން ދީނީ ޢިލްމުގެ ހުރިހާ ދާއިރާއަކުން ވަށައިޖެހޭ ޢިލްމެއް ޙާޞިލުކުރެއްވިއެވެ.
ކިޔަވައިދެއްވުން
23 އަހަރުގައި ކިޔަވައިދެއްވަން ފެއްޓެވިއެވެ. އަދި އުނގެނުމާއި އުނގަންނައިދިނުމުގައި ދެމިހުރިއެވެ. އޭނާގެ އެންމެ މަޝްހޫރު ދަރިވަރުންގެ ތެރޭގައި ޝައިޚް މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން ރަޙިމަހުﷲ ހިމެނިވަޑައިގަންނަވައެވެ.
ޢިލްމާއި މަޛްހަބު
އައްޝައިޚް އައްސިޢުދީ ފާހަގަވެގެން ދިޔައީ ފިޤްހުގެ އުޞޫލުތަކާއި ފުރޫޢުތަކުގެ ފުރިހަމަ މަޢުރިފާއިންނެވެ. އަދި އޭގެ އިތުރުން ތަފްސީރުގެ ޢިލްމުގައި އިސްވެގެންވާ މަޤާމެއް ލިބިވަޑައިގެންނެވިއެވެ.

ފޮތްތަކެއް ލިޔުއްވިއެވެ. އޭގެރެތޭގައި:
- ”ތައިސީރުލް ކަރީމިއް ރަޙްމާން“ ކިޔު ތަފްސީރު ފޮތް
- ”އަލްޤަވާޢިދުލް ޙިސާން ލިތަފްސީރިލް ޤުރްއާން“
- ”އަލްޤައުލުއް ސަދީދު ފީ މަޤާޞިދިއް ތައުޙީދު“
- ”ތައިސީރުއް ލަޠީފިލް މައްނާން ފީ ޚުލާޞަތި ތަފްސީރިލް ޤުރްއާން“
ފޮތްތައް ލިޔުއްވުމުގެ މައިގަނޑު މަޤްޞަދަކަށްވީ ޢިލްމު ފެތުރުމާއި ޙައްޤަށް ދަޢުވަތު ދިނުމެވެ. އެހެންކަމުން އެ ފޮތްތައް ހިލޭ ބެއްސެވިއެވެ.
ޢުނައިޒާގައި ޤައުމީ ލައިބްރަރީއެއް ޤާއިމުކުރެއްވިއެވެ.
ޤާޟީކަމަށް ހޮވުނު ނަމަވެސް، ވަރަޢަވެރިކަމުން އެކަމުން ދުރުހެލިވެވަޑައިގަތެވެ. އަދި ރަސްމީ އެއްވެސް މަޤާމެއް ނުފުރުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. އެއީ ޢިލްމަށާއި ދަރިވަރުންނަށް ވަގުތު ދެއްވުމަށްޓަކައެވެ. ޢުނައިޒާގެ މަސްޖިދުލް ކަބީރުގެ އިމާމުކަމާއި ޚަޠީބުކަން ކުރެއްވިއެވެ.
އަޚްލާޤުފުޅުގެ ކުޑަ ތަޢާރަފެއް
ﷲ ޝައިޚަށް ރަޙްމަތް ލައްވާށިއެވެ. އޭނާއަކީ މަތިވެރި އަޚްލާޤެއްގެ ވެރި ބޭކަލެކެވެ. ކުޑަ ކުދިންނާއި ބޮޑެތި މީހުންނަށް، އަދި މުއްސަނދިންނާއި ފަޤީރުންގެ ކުރިމަތީގައި ވެސް ތަވާޟުޢުވެރިވެވަޑައިގަތެވެ. އަދަބުވެރިކަމާއި، ޢިއްފަތްތެރިކަމާއި، ނަޒާހަތްތެރިކަމުގެ މަތިވެރި ސިފަފުޅުތަކެއް ލިބިވަޑައިގެންފައި ވެއެވެ. އޭނާގެ ހުރިހާ ކަމެއްގައި ވެސް ސާބިތުވެވަޑައިގެން ހުންނަވައެވެ. އޭނާ ވަނީ މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅަށް އުނގަންނައިދެއްވާ އަދި އެންމެ ފަސޭހައިން ވިސްނައިދެއްވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރެވިފައެވެ.
އޭނާގެ މަޖިލިސްތަކަކީ ޢިލްމީ ފައިދާތަކުން ފަޅުފިލާފައިވާ މަޖިލިސްތަކެކެވެ. އަބަދުވެސް އެ މަޖިލިސްތައް ފުރާލައްވަނީ ދަރުސްދެއްވުމާއި މުނާޤަޝާ ކުރެއްވުމުންނެވެ. އަބަދުވެސް ކީރިތި ޤުރްއާން ކިޔަވައި، ދަރިވަރުންނަށް އިރުތިޖާލީކޮށް ތަފްސީރުކޮށްދެއްވައެވެ. ޤުރްއާނުގެ މާނަތަކާއި ފައިދާތައް ބަޔާންކޮށްދެއްވައި، އެއިން ފައިދާތަކާއި މާނަތައް އިސްތިންބާޠު ކުރައްވައެވެ. އޭނާގެ ފަޞާޙަތްތެރިކަމާއި، ބަސްމަގުގެ ފުރިހަމަކަމާއި، ދަލީލުތަކާއި ވާހަކަތައް ގެންނެވުމުގައި ތަނަވަސްކަމުން، އޭނާގެ ވާހަކަފުޅު އަޑުއަހާ މީހާ އެދެނީ އޭނާގެ ވާހަކަ ހުއްޓައިނުލުމަށެވެ.
ނިޔާވުން
ގާތްގަނޑަކަށް 69 އަހަރު ވަންދެން ޢިލްމަށް ޚިދުމަތް ކުރެއްވުމަށްފަހު، ޝައިޚް އައްސަޢުދީ ނިޔާވީ 1376 ހިޖުރީ އަހަރުގެ (1956 މީލާދީ އަހަރު) ޖުމާދަލްއާޚިރު މަހުގެ 23 ވަނަ ދުވަހުގެ ބުރާސްފަތި ދުވަހުގެ ރޭ، ފަތިސްވާން ކައިރިވެފައި ވަނިކޮށެވެ. ﷲ އޭނާއަށް ރަޙްމަތް ލައްވައި، ގިނަގުނަ ޘަވާބާއި ދަރުމަ މިންވަރުކުރައްވާށިއެވެ!
މަޞްދަރު: https://ibn-saadi.com/aboutus